އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ އަޙްމަދު ސަރީރުގެ ނަންފުޅު ދިރާސާކުރުމަށް މިއަދު ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.
މި މަޤާމަށް ސަރީރު އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ މިއަދު ވަނީ މަޖިލީހުގައި އިއްވާފައެވެ. މިހާރު ސަރީރު ހުންނެވީ ސައުދީ އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ މަޤާމުގައެވެ.
1969 ވަނަ އަހަރު އުފެދުނު އޯއައިސީއަކީ ދުނިޔޭގެ އިސްލާމީ ޤައުމުތައް ތަމްސީލުކުރާ ޖަމާޢަތެކެވެ. މި ޖަމާޢަތް ވެގެން ގޮސްފައިވަނީ މުޅި އިސްލާމީ އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. މި ޖަމާޢަތުގައި މިހާރު 57 މެންބަރު ޤައުމު ހިމެނޭއިރު، ބިލިއަނަކަށްވުރެ ގިނަ މުސްލިމުން މި ޖަމާޢަތުން ތަމްސީލުކުރެއެވެ.
ޤާނޫނީ ގޮތުން ބައިނަލްއަޤްވާމީ އެކި ޖަމުއިއްޔާތަކަށް މަންދޫބުން ކަނޑައެޅުމުގެ ބާރު ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް އެފަދަ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށް ފަހުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.