ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) މިއަދު ނިޔާވެއްޖެއެވެ. އެނގިފައިވާ ގޮތުގައި، މުހައްމަދު މާޖިދު ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ. މެޒޯ ނިޔާވީ އުމުރުން 59 އަހަރުގައެވެ.
މުހައްމަދު މާޖިދަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު މިޔުޒިކް ކުޅުންތެރިންގެ ތެރެއިން އެކަަކެވެ. މެޒޯ އަކީ ހިންދީރާގުތަކަށް ދިވެހިންގެ ހިތުގައި އޮތް ލޯބީގެ ތެރެއަށް އަމިއްލަރާގުގެ ލޯބި ވެއްދުމުގައި އެންމެ ބޮޑު ދައުރެއް އޮތް ބޭފުޅުންގެ ތެރެއިން ބޭފުޅެކެެވެ. މެޒޯގެ އަމިއްލަ ރާގުތަކުގެ ލަވަތައް 1990 އާއި 2000 ގެ އަހަރުތަކުގައި ވަރަށް ބޮޑަށް މަޝްހޫރުވިއެވެ. އަދި އޭނާއަކީ މިޔުޒިކަށް ހާއްސަ ޗެނެލް އެމްޓީވީގައި ލަވައެއް ދެއްކި ދިވެހި ފުރަތަމަ ފަންނާނުވެސް މެއެވެ. އެމްޓީވީއަށް އޭނާ ފާހަގަވީ ޝެރެޓަން ފުލްމޫން ރިސޯޓުގައި ލަވައެއް ހުށަހަޅައިދެއްވަން ހުންނަވަނިކޮށެވެ.
މެޒޯގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި 'އެޅިކަނޑުމަތި'، 'އުޑުންތަރިތައް'، 'މަސްތު'، 'ވިސްނާވިސްނާ' އަދި 'ރޯޅި' ފާހަގަ ކޮށްލެވެއެވެ.
މެޒޯ މިޔުޒިކުގެ ތެެރެއަށް ވަދެވަޑައިގެންނެވީ އުމުރުން އެންމެ ނުވަ އަހަރުން ފެށިގެންނެވެ. މެޒޯއަކީ މިޔުޒިކްގެ ގިނަ އިންސްޓްރޫމަންޓްސް ކުޅެން އެނގިވަޑައިގަންނަވާ ފަންނާނެކެވެ. އެގޮތުން ބެރު ޖެހުމާއި، ގިޓާ އާއި ކީބޯޑު ހިމެނެއެވެ. އޭނާގެ ހުނަރުވެރިކަމާއި ތަފާތު މިއުޒިކް އިންސްޓްރޫމަންޓްތައް ކުޅުއްވުމުގެ ޤާބިލުކަމަކީ ދިވެހި މިއުޒިކީ ދާއިރާގެ ބޮޑު ހިއްސާއެކެވެ. މެޒޯގެ އަޑުނިވި، ދިވެހި މިއުޒިކީ ދާއިރާއިން އަޑުން އާ ލަވައެއް، އާ ރާގެއް އިވިގެން ނުދިޔަނަމަވެސް، މެޒޯގެ އަޑު އަބަދުވެސް ޖައްވުގައި ހަރުލާފައި ހުންނާނެެވެ. މެޒޯގެ އަޑާއި އެއަޑުގެ ލަވަތަކާއި މިއުޒިކް ދިވެހިންގެ ހިތްތަކުގައި އަބަދުވެސް ދެމިހުންނާނެއެވެ.
މެޒޯ އަކީ ރާއްޖޭގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާގެ ބައްޕަވެސްމެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.