އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން ރާއްޖެއަށް އަނބުގެ ފުރަތަމަ އެއާ ޝިޕްމެންޓް އިއްޔެ އެތެރެކޮށްފިއެވެ. އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ވައިގެ މަގުން ރާއްޖެއަށް ފޮނުވި މި ޝިޕްމެންޓުގައި ހިމެނެނީ "ނީލަމް" އަދި "ޓޯޓާޕޫރީ" ބާވަތުގެ އަނބެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔަލް ވިދާޅުވީ، މިއީ އެ ގައުމުގެ ދަނޑުވެރިންގެ އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ފަސޭހައިން ފޮނުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. ހާއްސަކޮށް ސީޒަނަލް މޭވާތައް އެއާ ފްރައިޓް މެދުވެރިކޮށް ފޮނުވުމުން، ތާޒާކަންމަތީ އަވަހަށް މާކެޓުތަކަށް ފޯރުކޮށްދެވޭނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މި ޝިޕްމެންޓް ރާއްޖެއަށް ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވީ އިންޑިއާގެ އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވަލޮޕްމެންޓް އޮތޯރިޓީ (އޭޕީއޭޑީއޭ) އިންނެވެ. އެ އޮތޯރިޓީގެ ޗެއާމަން އަބީޝޭކް ދޭވް ވިދާޅުވީ، މި ކާމިޔާބީއަކީ ފާމާ ޕްރޮޑިއުސާ ކޮމްޕެނީތަކާއި ދަނޑުވެރިންގެ ބޮޑު އެހީތެރިކަމަކާއެކު ލިބުނު ކުރިއެރުމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް ވައިގެ މަގުން އަނބު ފޮނުވަން ފެށުމުން އިންޑިއާގެ އަނބުގެ މާކެޓް އިތުރަށް ފުޅާވެ، ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން ލިބޭ ނަފާ އިތުރުވާނެ ކަމަށެވެ. އަންދާޒާކުރެވޭ ގޮތުގައި މިކަމުގެ ސަބަބުން ދަނޑުވެރިންގެ އާމްދަނީ 50 އިންސައްތައަށް ވުރެ އިތުރުވެގެންދާނެއެވެ.

މި ފަހަރު ރާއްޖެއަށް އެތެރެކޮށްފައިވަނީ އެއް މެޓްރިކް ޓަނުގެ އަނބެވެ. މި ތަކެތި ރާއްޖެއަށް އެކްސްޕޯޓްކޮށްފައިވަނީ އަންހެނުންގެ ހާއްސަ ކުންފުންޏެއް ކަމަށްވާ "ވިމެން އޮންޓްރޮޕްރަނިއަ އެންޑް އެކްސްޕޯޓާސް" އިންނެވެ. މިއީ އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށްދިޔަ މުހިއްމު މުއާމަލާތެކެވެ.