ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް.) ގުޅިގެން ބާއްވާ "އަހާ" ނަމުގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލައިގެން ބާއްވާ އާންމު ފޯރަމްތަކުގެ ސިލްސިލާގެ ތެރެއިން ފޯރަމެއް މިރޭ 9:00 ގައި ޕީ.އެސް.އެމްގެ ސްޓޫޑިއޯގައި ބާއްވަން ނިންމައިފިއެވެ. މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންގެ ތެރޭގައި
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު،
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު،
- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް،
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް،
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
މި ފޯރަމްގެ މަޤްޞަދަކީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދިނުމާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ހުޅުވާލުމެވެ. މިއީ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ. މި ފޯރަމަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭ ގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ފޯރަމެކެވެ. މިކަމުން ރައްޔިތުންނަށް ސަރުކާރުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށާއި، އެމީހުންގެ ކަންބޮޑުވުންތައް ސީދާ ވަޒީރުންނާ ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.