ދުޅަހެޔޮ ސިއްހަތަށް އަހުލުވެރިކުރުމުގެ ގައުމީ ކެމްޕެއިން "ފަހި ސިއްޚަތު" މިއަދު އިފްތިތާހުކޮށްފިއެވެ.
މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވަމުން ވަޒީރު ރާފިއު ވިދާޅުވީ މިއީ ވަރަށް ބޭނުންތެރި ކެމްޕެއިނެއް ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތަށް އަހުލުވެރިކުރުމުގެ ގޮތުން އިތުރު ކުޅިވަރުގެ ހަރަކާތްތަކާއި މަސައްކަތްތައް ކުރާ ތަންތަނާއި މުޖުތަމައުގައި ފިޓްނަސްއާ ގުޅުން ހުރި ޕްރޮގްރާމްތައް ހިންގައި، ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ދިވެހިންނަށް އަންގައިދޭން ޖެހިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ހުށަހެޅުނު ޕްރެޒެންޓޭޝަނުގައި ފާހަގަކުރެވުނު ގޮތުގައި، ކޮންމެ ހަތަރު ދިވެއްސަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާއިރު، ކޮންމެ ދެމީހަކުން އެކަކީ އެކަށީގެންވާ ވަރަށްވުރެ ހަރަކާތްތެރިކަން މަދު މީހެކެވެ. މީގެއިތުރުން، އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ހުންނަންޖެހޭ ވަރަށްވުރެ ބަރުދަން ބޮޑު މީހުންނެވެ. އަދި ޒުވާނުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ދިރިއުޅުމެއް އުޅެމުންދާ މީހުންނެވެ.
"މިއީ ހަޤީގަތުގައިވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް، މިކަންކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ހަރަކާތްތެރި ދިރިއުޅުމަކަށް އެންމެންވެސް ބާރު އަޅަން ޖެހޭ. ރަނގަޅު ކާނާ ކެއުމަށް ހިތްވަރު ދީ ދުޅަހެޔޮ ދިރިއުޅުމެއްގެ ސަޤާފަތެއް ބިނާކުރަން ޖެހިފައި އަޅުގަނޑުމެންނަށް މިވަނީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްކޫލުތަކާއި، މާރުކޭޓުތަކާއި އަދި ހޮޓާ ކެފޭތަކުގައި އުފައްދާ ކާނާގައި ލޮނާއި، ހަކުރު އަދި ސިއްޚަތަށް ގެއްލުންދޭ މާއްދާތައް މަދުކޮށް، ސިއްޚަތަށް ފައިދާހުރި ކާނާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދޭންޖެހެއެވެ. އަދި ސިއްޚަތަށް އިސްކަންދޭ މާހައުލެއް އުފެއްދުމަށް އާއިލާތަކާއި މަސައްކަތްކުރާ ތަންތަނާއި މުޖުތަމައުގެ އެހެނިހެން ފަރާތްތަކުން ދުޅަހެޔޮ ދިރިއުޅުމަށްޓަކައި ހިތްވަރުދީ އެއްބާރުލުން ދިނުމަށް ގޮވާލެއްވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.