ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ޗައިނާއިން އެއް ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މި މައުލޫމާތު ހާމަކުރެއްވީ ރޭ "އަހާ ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް ޗައިނާއިން ގެނެސްފައިވާ މުދަލުގެ ސީއައިއެފް ވެލިއު 34 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ބެނެފިޓް 2.3 މިލިއަން ރުފިޔާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާތީ، ރާއްޖެއަށް ބޭނުންވާ މުދާ ފަސޭހައިން ގެނެވޭނެ ގޮތް ހެދުމަކީ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެ އެތެރެކުރާ 70 ޕަސަންޓް މުދަލުން ޑިއުޓީ ކެނޑޭނެއެވެ. އަދި ފަސް އަހަރު ދުވަހުގެ ތެރޭގައި 90 ޕަސަންޓާ ހަމައަށް ޗައިނާގެ މުދަލުން ޑިއުޓީ މައާފުވެގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.