އަމިއްލަ ތަންތަނުގައި ކިޔަވައިދެނީ ކަނޑައަޅާފައިހުރި މިންގަނޑުތަކަށްކަން ޔަޤީންކުރުމަށް ވަރަށް ގާތުން ބަލާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން އިއްޔެ ބޭއްވި "އަހާ"ގެ 4 ވަނަ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ފެންވަރު ރަނގަޅު، ރައްޔިތުން ބަލައިގަންނަ ފެންވަރެއްގެ ތަޢުލީމަކަށް ހެދުމަކީ އެ ވުޒާރާގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް ޔަޤީންކަން އަރުވަން، ޚާއްސަކޮށް އަމިއްލަ ކޮލެޖުތަކުގައި ކިޔަވައިދޭއިރު ކަނޑައަޅާފައިހުރި މިންގަނޑުތަކަށް، ކޮލިފިކޭޝަންގެ ތެރެއިންތޯ ކިޔަވައިދެނީ ޔަޤީންކުރުމަށް. ގޮންޖެހުންހުރި ކަމެއް ނަމަވެސް ވަރަށް ގާތުން އެކަން ބަލާނަން," ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަތީ ތަޢުލީމު ދޭ ހުރިހާ މުއައްސަސާތަކުގެ ކިޔަވައިދިނުމުގެ ފެންވަރާއި، ސަރުކާރުން ކަނޑައަޅާފައި އޮންނަ ކޮލިފިކޭޝަން ފްރޭމްވޯކާ އެއްގޮތަށް ޢަމަލުކުރޭތޯ ކަށަވަރުކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ފޯރަމްގައި އުފެދުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ވަޒީރު ވިދާޅުވީ ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމުގައި ދިމާވާ ލަސްވުމުގެ މައިގަނޑު ސަބަބަކީ ލިޔެކިއުންތައް ހަމަނުވުން ކަމަށެވެ. ވަޒީރު ދަރިވަރުންނަށް އިލްތިމާސް ކުރެއްވީ ލިޔެކިއުންތައް ހުށަހަޅާއިރު ހުރިހާ ލިޔެކިއުމެއް ހަމަތޯ ރަނގަޅަށް ޔަޤީންކުރުމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ހުނަރުވެރި އަދި ތަޢުލީމީ ޤާބިލު ބަޔަކު އުފެއްދުމަށްޓަކައުމަށްޓަކައި އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ދިނުމަށް އެކްސްޕޯޓް އެޑިއުކޭޝަންގެ ކަންކަން ކުރިއަށް ގެންދަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.