ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅު ގަޑިއިރު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ. މި މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި އާންމުންގެ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، ޕީއެންސީއަށް މެންބަރުން ވެއްދުމަށް ސައްހަ ނޫން ފޯމު ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގައި އިހުސާން އިސްކޮށް ހުރި ކަމަށް ތުހުމަތުކުރުމާއި، ބިދޭސީން ގެންނަން ކޯޓާ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން އިހުސާން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރުމެވެ. މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު ހުށަހެޅުއްވީ މި މައްސަލައިގެ މަސައްކަތަށް ދޮޅު ގަޑިއިރު ކަނޑައެޅުމަށެވެ. އޭގެ ތެރެއިން އެއް ގަޑިއިރު މިނިސްޓަރު އިހުސާން ޖަވާބުދާރީވުމަށާއި، 30 މިނެޓު ޕާޓީތަކަށް ބަހުސް ކުރެއްވުމަށް ކަނޑައެޅުމަށެވެ. މި ހުށަހެޅުން ފާސްވީ 10 މެންބަރުންގެ ތެރެއިން 9 މެންބަރުންގެ ތާއީދާއެކުގައެވެ. އެހެންނަމަވެސް، އެމްޑީޕީ ތަމްސީލުކުރައީލުކުރައްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ ގަވާއިދުގައިވާ ގޮތުން ވަޒީރަށް ދޭންޖެހެނީ 30 މިނެޓު ކަމަށާއި، މި ނިންމުމުގެ ސަބަބުން މަޖިލީހުގެ 93 މެންބަރުންނަށް ލިބޭ ވަގުތު މަދުވާނެ ކަމަށެވެ. ކޮމިޓީގެ މުޤައްރިރު، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ ވަގުތު އިތުރަށް ދިނުމުގައި އިސްކަން ދޭންޖެހެނީ މައްސަލަ ހުށަހެޅި ޕާޓީއަށްވުރެ މައްސަލަ ރައްދުވާ ވަޒީރަށް ކަމަށެވެ.
މި ބައްދަލުވުމުގައި އަބްދުއްސައްތާރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ. އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.