ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގައި، އެތަންތަނުން ދަރިވަރުންނަށް ދެވޭ ސަނަދު ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްކިއުއޭ އިން ވަނީ އާންމު އިއުލާނެއް ނެރެފައެވެ.
އެމްކިއުއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ސެޓްފިކެޓް ދޫކުރަމުންދާކަން ބޭރުގެ ބައެއް އިދާރާތަކުން ވަނީ އެ އޮތޯރިޓީއަށް އަންގާފައެވެ. މިގޮތުން އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ހިންގަމުން ގެންދަނީ އެ އިދާރާއިން ގަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކުގައި ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
"މި ނޫން ގޮތަކަށް ސަނަދު ދެވުމުގެ ސަބަބުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އަދި މި ގެއްލުމުގެ ޒިންމާ އެމްކިއުއޭ އިން ނުނެގޭނެ" ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކޯސްތަކުން ދޫކުރާ ސެޓްފިކެޓްތައް ބަލައިނުގަންނާނެކަން އެ އޮތޯރިޓީން ވަނީ ސާފުކޮށް އަންގާފައެވެ. އަދި ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގުމަށް އެމްކިއުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ނަމަވެސް، ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ކޯސްތައް ހިންގުމަކީ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއްކަމަށް އެމްކިއުއޭއިން ދެކޭކަމަށާއި، އެކަމާ ގުޅުން ހުރި އުސޫލެއް މިހާރު އެކުލަވާލަމުންދާކަމަށް ވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.