އިޖްތިމާޢީ ޢަދުލުވެރިކަން ހާސިލުކުރުމަށްޓަކައި ކޮންމެ ރައްޔިތެއްގެވެސް ބައިވެރިވުން މުހިންމުކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރެވުނު ދުނިޔޭގެ އިޖްތިމާޢީ ޢަދާލަތުގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.

ވަޒީރު ހައިދަރު ވިދާޅުވީ، އިޖްތިމާޢީ ޢަދުލަކީ ސުލްޙަވެރި ފާގަތި ޤައުމެއްގެ މައިގަނޑު އަސާސްކަމަށެވެ. އަދި މިކަން ސާބިތުވަނީ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަޤީންކުރުމަށާއި، ހުރިހާ ދާއިރާއެއްގައިވެސް މިންތީގެ ހަމަހަމަކަން އިތުރުކުރުމަށާއި، މުޖުތަމައުގެ ބައިވެރިވުމާއި މަޝްވަރާގެ ތެރެއިން ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުންކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއަސާސްގެ މައްޗަށް ބިނާވާ މުޖުތަމަޢެއް އުފެއްދުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އޭގެ ތެރޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ޒުވާނުންގެ ހުނަރާއި ޤާބިލުކަން ތަރައްޤީކުރުމާއި، މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، އެކަހެރިވެފައިވާ މުޖުތަމަޢުތައް ބާރުވެރިކުރުވުން ހިމެނެއެވެ.

"އިޖްތިމާޢީ ޢަދުލުވެރިކަން ހޯދައިދިނުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއްނޫން. މިކަން ހާސިލުކުރުމަށްޓަކައި މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، މަދަނީ މުޖުތަމަޢާއި އަދި ކޮންމެ ރައްޔިތެއްގެ ބައިވެރިވުން މުހިންމު," ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ވަނީ 2024 ވަނަ އަހަރު "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގެ މެންބަރަކަށް ވެފައެވެ. މިއީ ތަފާތު ކުރުމެއްނެތި އެންމެހައި ރައްޔިތުން ޝާމިލުވާ ތަރައްޤީއާއި، އެންމެހައި ފަރުދުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ވެފައިވާ ވަޢުދުގެ ރަމްޒެއްކަމަށް ވަޒީރު ހައިދަރު ފާހަގަކުރެއްވިއެވެ.