ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ހުރި ބިލުތަކާ ބެހޭގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ފެށިފައިވާ ދައުރުގައި ސަރުކާރުން ހުށަހަޅަން ގަސްދުކުރައްވާ ބިލުތަކާ ގުޅޭގޮތުންނެވެ. އަދި މި ބައްދަލުވުމަކީ ކޮންމެ އަހަރެއްގެވެސް، ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއްކަން ހީނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި، ޤާނޫނުއަސާސީއަށް މުހިންމު އިސްލާޙުތަކެއް ގެންނެވުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
މީގެ ތެރޭގައި ޖޭއެސްސީގެ އޮނިގަނޑަށް ބަދަލުގެނައުމާއި، މަޖިލިސް މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލު އިސްލާހުކުރުން ހިމެނެއެވެ.
މީގެއިތުރުން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބިމުގެ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ހުށަހެޅުމަށް ވަނީ ރޭވިފައެވެ.
އަދި ކޮރަޕްޝަން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ޤާނޫނާއި، ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް އިސްލާހު ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށިފައި ވަނީ ފެބްރުއަރީ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނާ އެކުގައެވެ. މިދިޔަ އަހަރުވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ޤާނޫނު އަސާސީއަށާއި އެހެނިހެން ޤާނޫނުތަކަށް މުހިންމު އިސްލާހުތަކެއް ގެނެވިފައިވާކަން ފާހަގަ ކުރެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.