ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއެކު ބައްދަލުކުރައްވައި، ދިވެހިރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ހިއްސާކުރައްވައިފިއެވެ.
ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ބޭއްވުނު މި ބައްދަލުވުމުގައި، ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތެރެއިން ވިޔަފާރިއާއި އިޤްތިޞާދީ މުޢާމަލާތްތައް އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ "ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކާއި، އިޤްތިޞާދީ ދުވެލި ހަލުވިކޮށް، މާލީ ނިޒާމު ހަރުދަނާކޮށް، އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންކަން އިތުރުކުރުމަށްޓަކާ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް," ލަންކާގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވާފައެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާރސް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ރަސްމީ މަޝްވަރާތަކުގައިވެސް ވިޔަފާރީގެ ރޮނގުން ލަންކާއާއެކު ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.