ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ވެރިކަން ކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްޔިތުންނަށް ބޮޑު މާހެފުމެއް ރޭ ދީފިއެވެ. މި މާހެފުން އިންތިޒާމުކޮށްފައިވަނީ ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ފަރާތުންނެވެ. އަދި މި މާހެފުން ބޭއްވުނީ މާލޭގެ އާޓިފިޝަލް ބީޗުގައެވެ.

މި މާހެފުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި މާހެފުމުގައި ބައިވެރިވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ރަމަޟާން މަހަކީ އެހެން މަސްތަކާ އަޅާބަލާއިރު ގިނަ ސަވާބާއި ދަރުމަ ލިބޭ މަހެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހިފާ ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފުން މުހިންމު ކަމުގައި އަނާރާ ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރަމަޟާން މަހުގައި ނޫސްތަކާއި ޓީވީތަކާއި ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ދޮގު ޚަބަރު ފެތުރުމާއި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ޤައުމުގައި އޮތް ހަމަޖެހުމަށް އިސްކަން ދިނުމަށާއި ހަމަނުޖެހުން ނަގާލަން މަސައްކަތް ނުކުރުމަށް ފަލާހު އެދިވަޑައިގެންނެވިއެވެ.

ކުރިން ރާވާފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މާހެފުމުގައި ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވީ ނަމަވެސް، ރަސްމީ ޝެޑިއުލްއަށް އައި ބަދަލަކާ ގުޅިގެން އެމަނިކުފާނަށް ބައިވެރިވެވަޑައެއް ނުގެންނެވުނެވެ.