އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެއަށް ފުރަތަމަ ސޯލާ ފެރީ އެތެރެކުރާނެ ކަމަށް އިންޑިއާގެ ނަވަލްޓް ކުންފުނިން ބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވޭ "އެޕޮލޯ" ނަމަކަށް ކިޔާ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރުވެސް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

އިންޑިއާގެ އީކޯ މެރިން ޓެކް ކުންފުނި، ނަވަލްޓްއާ ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފެރީ ބަނުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހު މަރުހަލާގައެވެ. މި ފެރީގެ އަގަކީ 5 ކްރޯޑް އިންޑިއާ ރުޕީސް ނުވަތަ ދިވެހި ފައިސާއިން 9.3 މިލިއަން ރުފިޔާ ކަމަށް ވެއެވެ.

ނަވަލްޓްގެ ސީއީއޯ ސަންޑިތު ތަންޑަޝެރީ ވިދާޅުވި ގޮތުގައި މި އުޅަނދު އުފައްދަނީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ އޯޑަރަކަށެވެ. އަދި މިއީ އެ ކުންފުނިން ޕެސެންޖަރ ލައިނެއް އެކްސްޕޯޓްކުރާ ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއަހަރުގެ މެދުތެރޭގައި ދިވެހި ސަރުކާރުން މި އުޅަނދު ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި އޮޕަރޭޓްކުރަން ފަށާނެ ކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.

މި ފެރީ ގަޑިއަކު 8 ނޮޓްގެ ސްޕީޑުގައި ދުއްވޭނެއެވެ. އަދި މި އުޅަނދުގެ ހަކަތަ އުފައްދަނީ އޭގެ ފުރާޅުގައި ހަރުކޮށްފައިވާ 25 ކިލޯވޮޓްގެ ސޯލާ ޕެނަލްތަކުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ތިމާވެށްޓާބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ސޯލާ ފެރީ ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި އެ އިރު އުޅަނދު ބަނދެ ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.