މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަޙީދު، މީޑިއާ ދާއިރާގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މީޑިއާތަކުގެ އެޑިޓަރުންނާއި މަސްއޫލުވެރިންނާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މިނިސްޓަރު ދެއްވި 'ހައި-ޓީ' އެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަޙީދު، ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަޙީދު، ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މީޑީއާތަކަށް ބަޖެޓުގެ 0.1 އިން ސައްތަ ކަނޑައަޅާފައިވާ ކަމަށާއި އަދި މި އެހީ ދިނުމަށް އެކުލަވާލެވުނު އުސޫލު ގެޒެޓްކުރެވުމާއެކު، ޕްރޮޕޯޒަލް ހުށަހެޅުމަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފައިސާ ލިބުމަށް ޝަރުތުތަކެއް ކަނޑައެޅިފައިވާ ކަމަށާއި އެންމެ ފުރަތަމަ އަދި އެންމެ ހާއްސަ ޝަރުތަކީ މީޑިއާ ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރުވެފައި އޮތުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތުވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ. މި ދެ މުއައްސަސާ އެއްކޮށްލުމަށް އެއްވެސް ނޫސްވެރިއަކު ދެކޮޅު ނުހަދާ ކަމަށާއި، މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައްދަލުވުމުގައި ބައިވެރިވި ބައެއް އެޑިޓަރުން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލާ ބިލު އަވަސްކުރުމަށް އެދިފައިވެއެވެ. އަދި މީޑިއާގެ ދާއިރާއަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމަށްވެސް އެދިފައިވެއެވެ.
މީޑިއާތަކުގެ ފަރާތުން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި، ދޮގު ޚަބަރު ފެތުރުމުގެ މައްސަލަ އަދި ސަރުކާރުގެ ޕްރޮގްރާމުތަކުގެ މަންފާ މީޑިއާތަކަށް ލިބޭއިރު، ދޮގު ޚަބަރު ފަތުރާ ފަރާތްތަކުގެ ކޮންޓެންޓް ބެލޭނެ މިންގަނޑެއް އޮތުމުގެ މުހިންމުކަން ހިމެނެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަޙީދު، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މުހިންމުކަމާއި، ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ އެޑިޓަރުންނާއި މަސްއޫލުވެރިންގެ މަޢުލޫމާތު އަދި ނޫސް ރީބްރޭންޑްކުރާއިރު އެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަކީ މީޑިއާ ދާއިރާގެ ތަރައްޤީއަށާއި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މިނިސްޓަރު ވަޙީދު ވިދާޅުވި ގޮތުގައި، މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމާއެކު، ޒިންމާދާރު ނޫސްވެރިކަމެއް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ގިނަ މީޑިއާތަކުގެ އިސްވެރިން، މިފަދަ މަޝްވަރާތައް ގަވާއިދުން ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކޮށް، މީޑިއާ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމަށް ޝުކުރު އަދާކުރިއެވެ.
މިނިސްޓަރު ވަޙީދު ވިދާޅުވީ، މި ބައްދަލުވުމުގައި ހުށަހެޅުނު ޚިޔާލުތަކާއި ކަންބޮޑުވުންތައް ރަނގަޅަށް ދިރާސާކޮށް، ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މީޑިއާގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރާއްޖޭގެ ޓީވީ، ރޭޑިއޯ، ނޫސް އަދި އޮންލައިން މީޑިއާތަކުގެ 30 އަށްވުރެ ގިނަ އެޑިޓަރުންނާއި މަސްއޫލުވެރިންނެވެ. މިއީ މީޑިއާ ދާއިރާގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ސަރުކާރާއި މީޑިއާގެ މެދުގައި ބޭއްވުނު ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.