ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ކުޑަހުވަދުއަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ރޭވިފައިވާ މި ދަތުރުފުޅުގައި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ބައެއް މަޝްރޫޢުތައް ފެއްޓެވުމާއި، ނިމިފައިވާ މަޝްރޫޢުތައް އިފްތިތާހު ކުރެއްވުންވެސް ހިމެނެއެވެ.

ކުޑަހުވަދޫ އެއަރޕޯޓު ސަރަހައްދަށް ރައީސް ވަޑައިގަތުމުން، އެ ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެތަނަށް ޖަމާވެފައެވެ. މި ދަތުރުފުޅަކީ ރައީސް މުއިއްޒުގެ ވަޢުދާ އެއްގޮތަށް، ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި ދައުރުގައި މިހާތަނަށް ރައީސް ވަނީ "އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި" ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އަންގާރަ ދުވަހު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.