ދިވެހި މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. މިކަމަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި ބޭއްވެވި ރައްޔިތުންގެ ބައްދަލުވުމުގައެވެ.

ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް އިޝާރާތްކުރައްވަމުން، ރައީސް މުޢިއްޒު ވަނީ ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކަރަންޓުބިލާއި ފެންބިލުން ރަމަޟާންމަހު ޑިސްކައުންޓް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާމެދު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ "ތިމާ ވާންޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދު ދޮގު ބަލާ މީހަކަށް،" ކަމުގައެވެ. އަދި މިކަމާ ގުޅޭގޮތުން ކީރިތި ޤުރުއާނާއި ޙަދީޘްފުޅުން ހެކި ދައްކަވައި ވާހަކަފުޅު ދެއްކެވިއެވެ.

އިސްލާމީ މުޖުތަމަޢުގައި ދޮގުހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮޅުމާއި، މީހުންގެ ޢަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް ފެތުރިފައިވާކަން ފާހަގަކުރައްވަމުން، މި ރަމަޟާން މަހުގައި އަމިއްލަ ނަފުސުތައް މިކަންކަމުން ޠާހިރުކުރުމަށް ޢަޒުމު ކަނޑައެޅުމަށް ރައީސް ޑރ މުޢިއްޒު އިލްތިމާސްކުރެއްވިއެވެ.

ޤައުމީ ތަރައްޤީއަކީ ފިކުރީ ތަރައްޤީ އާއި ހިތާއި ސިކުނޑީގެ އަދި ނަފުސުގެ ތަރައްޤީކަމުގައި ވިދާޅުވަމުން، ހުރިހާ މަންސައެއްގައިވެސް ދޫ ރައްކާތެރިކުރުމުގެ މުހިންމުކަން ރައީސް ޑރ މުޢިއްޒު ފާހަގަކުރެއްވިއެވެ.