ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މާއެނބޫދޫގައި ޤާއިމްކޮށްފައިވަނީ ސެލްފް ސަރވިސް އޭޓީއެމްއެކެވެ.
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމްގެ ސިޔާސަތަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމެވެ. މި ސިޔާސަތުގެ ދަށުން މާއެނބޫދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް، އެމަނިކުފާނު ހުޅުއްވައި ދެއްވީ މިހާރު ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމްގެ ޚިދުމަތް ބޭނުން ކުރައްވާ ފައިސާ ނަންގަވާފައެވެ. އަދި އެމަނިކުފާނު ބޭނުން ކުރެއްވި ކާޑު ވަނީ މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސަޢީދާ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި އޭޓީއެމްއާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ޚިދުމަތް އެ ރަށުގެ ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށެވެ. އަދި ކުޑަހުވަދޫގައި ހުޅުވާފައިވާ ބީއެމްއެލް ބްރާންޗުގެ މުވައްޒަފުން މާއެނބޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ މަޝްރޫޢުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބެހެއްޓިފައިވާއިރު، ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.