1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުގެ ފަލްސަފާ- ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކޮށްދިނުން؛ ރައްޔިތުން ބޭނުންވާ ކަންކަން އެނގޭ: ރައީސް

ބަގު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ބަނޑިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން
ޝަފްޢަތު ، ހުވަދޫ މީޑީއާ
206ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ ފަލްސަފާކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން އެނގިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ދ. ބަނޑިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ބަނޑިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ އެރަށުގެ ތަރައްޤީއަށް ސަރުކާރުން ސަމާލުކަން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އެކި ސިނާއަތްތައް، ޚާއްޞަކޮށް މަސްވެރިކަން ކުރިއެރުވުމަށް އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަނޑިދޫގައި ބިންގާ އެޅި އައިސްޕްލާންޓަކީ މަސްވެރިކަމުގެ ސިނާއަތުގެ ފަރާތްތަކަށް ނަފާ ލިބޭނެ ކަމެއްކަމަށާއި، އެ މަސައްކަތް އަވަހަށް ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އުންމީދުތަކާއި ބޭނުންތައް ސާފުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބަނޑިދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ފަޅުތެރެއިން ޖާގަ އެންމެ ބޮޑަށް ލިބޭ މިންވަރަށް ބިން ހިއްކުމަށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

300 × 250

ރައްޔިތުންގެ އެދުމަށް ފުރިހަމަ އިޖާބަ ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އެގޮތުން ކައުންސިލުން ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ބިން ބޭނުންކުރެވޭނެގޮތް މުރާޖައާކުރުމަށް ރައީސް އެދިވަޑައިގަތެވެ. އަދި އެންމެ ލަސްވެގެން އަންނަ އަހަރު އެރަށުގެ ބިން ހިއްކާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބިން ހިއްކުމާއެކު ރަށްގިރާ މައްސަލަވެސް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރުގެ ބޭރު ތޮށި ޖާގަ އިތުރުކޮށްދިނުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންގޮސްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތައުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއިން ވެސް އިތުރު މަސައްކަތްތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކްލާސްރޫމް އިތުރުކޮށް މަލްޓިޕާޕަސް ހޯލާއި ލެބޯޓްރީ ޤާއިމްކުރުމާއި، ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް ވަސީލަތް ހަމަކޮށްދޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުންމީދުތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ބަނޑިދޫގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއާ ގުޅޭ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ވަޢުދުވެވަޑައިގެންފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި