ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ޚިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ރައީސް މުޢިއްޒުގެ ތަސައްވުރުގެ ދަށުން ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ އިތުރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ހިނގަމުންދާ ކުށުގެ ޢަމަލުތައް ހުއްޓުވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

"މި މަސައްކަތްތައް ކުރިއަށްދަނީ މީގެ ކުރިން ނުހިނގާ ބާރުމިނުގައި. މި މަސައްކަތްތައް ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އަދި މަދު ސިޔާސީ ބަޔަކު އިސްވެތިބެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށްކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ޚިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫން،" ނައިބު ރައީސް ވިދާޅުވިއެވެ.