\މުޅި ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ ތަސައްވުރުގެ ދަށުން 5 އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްގެ ސުވާލުތަކަށް ލިޔުމުން ޖަވާބު ދެއްވަމުން، ވަޒީރު އިޙްސާން ވިދާޅުވީ މި 5 ޤާނޫނުގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސްގެ ބިލު ފިޔަވައި އެހެން ހުރިހާ ބިލުތަކާއި ގަވާއިދުތަކެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދުން ހިއްސާކުރާނެ ކަމަށް އަމާޒު ހިފާފައެވެ. "މިއީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ގެންގުޅޭ ތަޞައްވުރުގެ އެއް ތަނބު" ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިލެކްޓްރޯނިކް ޓްރާންސްފަރަބަލް ރިކޯޑްސްގެ މުޢާމަލާތްތަކަށް ބާރުވެރިކަން ދިނުމަށްޓަކައި އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ތަސައްވުރުގެ ދަށުން، ހުރިހާ ކައުންސިލްތަކެއްގެ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ކައުންސިލްތަކުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.