ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި 2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިމި، ދަރިވަރުން ޗުއްޓީއަށް ގޮސްފިއެވެ. މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލަކުންވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ފެށުނު މި ދިރާސީ އަހަރު ނިމުމާއެކު، ރާއްޖޭގެ 216 ސްކޫލެއްގައި ކިޔަވަމުންދިޔަ 96،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވަނީ ޗުއްޓީއަށް ގޮސްފައެވެ. މީގެ ތެރޭގައި 40،300 އަންހެން ކުދިންނާއި 42،700 ފިރިހެން ކުދިން ހިމެނެއެވެ.
ބައެއް ސްކޫލްތަކުގައި ދަރިވަރުންނަށް ރިޕޯޓް ފޯމް ދިނުމަށްޓަކައި އެކަން ކުލަގަދަކޮށް ފާހަގަކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ބޮޑު ޗުއްޓީ ދިމާވެފައިމިވަނީ ރަމަޟާންމަހާއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގައެވެ. ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ވަނަ ދުވަހުގައެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ވަނަ ދުވަހުގައެވެ. އަދި ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.