ރާއްޖެއަށް ބޭނުންވާ ކަރަންޓާއި ފެން މެދުނުކެނޑި ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހިރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފިއެވެ. އޭޑީބީން މި ލޯނު ދޫކުރުމަށް ނިންމާފައިވަނީ "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ނަމުގައެވެ.
އޭޑީބީން ފާހަގަކުރާ ގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ތެލުގެ އަގު ބޮޑުވެ، ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން ތެޔޮ އިމްޕޯޓް ކުރުމަށް ސަރުކާރަށް ވަނީ މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެހެންވެ، މި ލޯނު އެހީ ދެނީ ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި، ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމުގެ ލޮޖިސްޓިކްސްއަށާއި، އަތޮޅުތެރޭގެ ދަތުރުފަތުރާއި މުދާ އުފުލުމުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށެވެ.
ރާއްޖެއަކީ އިމްޕޯޓުކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރަމުން އޭޑީބީން ބުނީ، ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ 94 އިންސައްތަ ހިއްސާކުރަނީ ޑީސަލް ކަމަށެވެ. ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކަރަންޓް އުފެއްދުމަށް ދުވާލަކު ގާތްގަނޑަކަށް 8،000 ފީފާ ޑީސަލް ބޭނުންވާއިރު، އެއީ އަހަރަކު ގާތްގަނޑަކަށް 2.9 މިލިއަން ފީފާ ޑީސަލްއެވެ. އަދި މިދިޔަ އަހަރު ތެޔޮ ގަތުމަށް އެކަނިވެސް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މިދިޔަ މެއި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތެޔޮ އިމްޕޯޓް ކުރުމަށް މަހުން މަހަށް ކުރާ ހަރަދު ވަނީ 116 މިލިއަން ޑޮލަރަށް އަރައިފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތައް ބޮޑުވުމުގެ ކުރިން މިއަދަދު ހުރީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ތެލަށް ކޮންމެ މަހަކު ކުރާ ހަރަދު ވަނީ ގާތްގަނޑަކަށް 110 އިންސައްތަ އިތުރުވެފައެވެ. މިދިޔަ މެއި މަހު ވޯލްޑް ބޭންކުންވެސް ވަނީ ތެޔޮ އެތެރެކުރުމަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފައެވެ. މިއާއެކު ދެ ބޭންކު ގުޅިގެން ދިން އެހީގެ ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރަށް އަރައިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، "ތެލަށް ބަލާއިރުގައި، ތެލަށް އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަދި ދިމައެއް ނުވޭ. އިރާދަކުރެއްވިޔާ ހަމަ ވަރަށް ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. އެއްވެސް ވަރަކަށް، ތެޔޮ، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް، އަދި ނެތް އެއްވެސް ކަހަލަ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް،" ކަމަށެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދުވެސް ވަނީ ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތްކަން ކަށަވަރުކޮށްދެއްވައި، ރާއްޖޭގައި ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.