ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ މިއަދު ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައި، ދިވެހި ދަނޑުވެރިން އުފައްދާ ތަކެތީގެ ވިޔަފާރީގެ ޙާލަތު ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި ވަޒީރު ވަނީ މާރުކޭޓުގައި ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ހުރި މިންވަރު ބައްލަވާލައްވައި، އެތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުންފިލުއްވާފައެވެ. އަދި މާރުކޭޓުގައި ތަކެތި ވިއްކުމަށް ތިބި ބައެއް ދަނޑުވެރިންނާއި، ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް މާރުކޭޓުގައި ވިއްކާ ފަރާތްތަކާ ބައްދަލުކުރައްވައިފައިވެއެވެ.
ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދިވެހި ދަނޑުތަކުގައި އުފައްދާ ތަކެތި މާކެޓްކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އެފަރާތްތަކުގެ މަޝްވަރާއާއި ޚިޔާލުތައް ހޯއްދަވާފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އަމާޒަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމާއި، ޤައުމުގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުން ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.