ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ގޮތުން ސަރުކާރުން ކައުންސިލްތަކަށް ދޫކުރަމުންދާ ފަޅުރަށްތަކުގެ ތެރެއިން ލ. މާވަށު ކައުންސިލަށް ދޫކޮށްފައިވާ ބޮޑުމާބުޅަލި ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދީފިއެވެ. ބޮޑުމާބުޅަލިއަކީ މާވަށާ އެއްފަޅެއްގައި އޮންނަ ރަށެކެވެ.
މާވަށު ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮޑުމާބުޅަލީގައި ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެ ސަރަޙައްދަކާއި، ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުމަށް ޚާއްސަ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފައިބަރުގެ މަސައްކަތްތަކަށް ވަކި ސަރަޙައްދެއް ކަނޑައެޅުމަށްވެސް ރށްވެސް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮޑުމާބުޅަލި ތަރައްޤީކުރުމުގެ މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މި ހަރަކާތްތައް ފެށުމުން ކައުންސިލަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަޙްމަދު މޫސާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ތިން ކައުންސިލަކަށް ހަތަރު ފަޅުރަށް ދޫކޮށްފައިވެއެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ފަޅުރަށް ދޫކުރެވުނު ފުރަތަމަ ފަހަރެވެ. މި ނިންމުމަކީ ބިން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދީ، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ނިންމި ނިންމުމެކެވެ.
މާވަށާ އެއްފަޅެއްގައި އޮންނަ ބޮޑުމާބުޅަލި އެ ކައުންސިލަށް ދޫކުރުމާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކޮށް، އިޤްތިޞާދީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.