ހެޑްލައިން: ރިސަރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވަރިސަރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.
"މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ" ގެ ނަމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ ހުޅުމާލޭ ފޭސް 1ގެ ރެޑްވޭވް ކައިރީގައި ހުރި ވަގުތީ މިސްކިތުގެ ސަރަޙައްދުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މަޝްރޫޢު މެނޭޖްކުރަނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. މި މިސްކިތަކީ 2 ބުރިއަށް ބިނާކުރެވޭ މިސްކިތެއް ކަމަށާއި، އެތެރެއާއި ބޭރާއެކު 2000 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް މަޢުލޫމާތު ދެއްވިއެވެ.
މި މިސްކިތުގެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ރިސަރޗް ލައިބްރަރީއެއް ޤާއިމުކުރެވޭނެ ކަމެވެ. މިއީ ހުޅުމާލޭގައި މިފަދަ ލައިބްރަރީއަކާއެކު ޤާއިމުކުރެވޭ ފުރަތަމަ މިސްކިތެވެ. މި ލައިބްރަރީއަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިންނަށް، ނަމާދުގެ ފަހުން ކިޔަވަން، ރިސާރޗް ހެދުމަށާއި އެސައިންމަންޓް ހެދުމަށް ބޭނުންކުރެވޭނެ ވަސީލަތެކެވެ.
މީގެ އިތުރުން، މި މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގައާއެކު ޚާއްޞަ ފާޚާނާވެސް ހިމެނޭނެއެވެ. އަދި މިސްކިތް ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވި އޭސީކުރެވޭނެ ކަމަށްވެސް މަޢުލޫމާތު ދެވުނެވެ.
މި މިސްކިތުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ، 2026 ވަނަ އަހަރުގެ ރަމަޟާންމަހު ހުޅުވުމަކީ އަމާޒެއްކަމަށް މި މިސްކިތް ބިނާކުރައްވާ ފަރާތުން ވިދާޅުވިއެވެ. މިސްކިތް ހުޅުވުމަށް ފަހު، މިސްކިތުގައި ޢިލްމީ ދަރުސްތަކާއި ޤުރުއާން ހިތު ދަސްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ހާމަކުރެއްވިއެވެ.
މި މިސްކިތް ނިސްބަތްކޮށްފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމ އައިޝާ ރަޟިޔަﷲ ޢަންހާގެ ނަމުގައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.