ދިވެހިރާއްޖޭގެ ފުރަތަމަ އެނިމޭޓެޑް ޝޯވގެ ގޮތުގައި އެތައް ދިވެހިންގެ ލޯބި ލިބިފައިވާ "މާކަނާ ޝޯވ" މިހާރު ވަނީ "މިސްޓަރ މާކަނާ" ގެ ނަމުގައި އަލުން ރީބްރޭންޑް ކުރެވި، މިރޭ އެމްއެމްޓީވީން ދައްކަން ފެށުމަށް ތައްޔާރުވެފައެވެ.
މި ޝޯވގެ ކްރިއޭޓަރ އަދި އެނިމޭޓެޑް ދިވެހި އުފެއްދުންތަކުގެ ހުނަރުވެރިޔާ ޔާމީން ރަޝީދު އާއި އޭނާގެ ޓީމުން އުފައްދާ "މިސްޓަރ މާކަނާ" ސީރީޒްގައި ވެސް ފެނިގެންދާނީ ކުރީގެ މާކަނާ ޝޯވގެ ލޮބުވެތި ކެރެކްޓަރުތަކެވެ. މިދިޔަ 15 އަހަރެއްހާ ދުވަހު އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ޓީވީ ޝޯވގެ ގޮތުގައި ދެމިހުރި މި ޝޯވގެ އާ ސީޒަން އެއް އަހަރު ވަންދެން އެމްއެމްޓީވީން ގެނެސްދޭނެއެވެ.
ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން އުފައްދާ "މިސްޓަރ މާކަނާ" އަކީ ސިޔާސީ މާހައުލު ތަމްސީލުކުރާ، މުނިފޫހިފިލުވުމުގެ ޕްރޮގްރާމެކެވެ. ރޯދަމަހު މި ސީރީޒް ގެނެސްދޭނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 12:30 ގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި ޝޯވގެ ކްރިއޭޓަރ ޔާމީން ރަޝީދަކީ އެނިމޭޓެޑް ފިލްމު އުފެއްދުމުގެ ދާއިރާއިން ރާއްޖޭގައި އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައިވާ ފަންނާނެއް ކަމެވެ ޔާމީނަށް ކްރިޓިކްސް ޗޮއިސް އެވޯޑުފަދަ ކިތަންމެ ކާމިޔާބީއެއް ލިބިފައިވުމަކީ ޔާމީންގެ ގާބިލުކަން ދޭހަކޮށްދޭ ކަމެކެވެ.
މިހާތަނަށް ވެސް ފޫހިކަމެއްނެތި ގިނަ ބަޔަކު ބަލަމުން އަންނަ މި ޝޯވގެ އާ ސީޒަން "މިސްޓަރ މާކަނާ" އަށް ވެސް ކުރީގެ މާކަނާ ޝޯވ ފަދައިން ބޮޑު މަގުބޫލުކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.