ކުރިއަށް އޮތް ދެތިން ދުވަހުގެ ފަހުން މޫސުން ރަގަޅުވާން ފަށާނެ ކަމަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މި ދުވަސް ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ނުހަނު ބޮޑަށް ކުރަމުންދާއިރު، މެޓުން ހާމަކުރައްވާ ގޮތުގައި، ކުރިއަށް އޮތް ދެތިން ދުވަހު މެދުރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވުނު ނަމަވެސް އޭގެ ފަހުން އެހާ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ނުދައްކައެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ވިއްސާރަ ކުރާނެ ނަމަވެސް ދެކުނުގެ އަތޮޅުތަކަށް އެހާ މޫސުން ގޯސް ނުވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

ދެކުނުގެ އަތޮޅުތަކަށް އަށް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެނިހެން ސަރަހައްދުތަކަށް ވައި ޖެހޭނީ ދިހަ މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.

ދެކުނުގެ ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މަޑުވާނެއެވެ. އެކަމަކު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.