ބޭރު ޤައުމުތަކުގެ މީހުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހަމަޖައްސައިފިއެވެ.
މި މަޤާމަށް ހަމަޖެއްސުމާ ގުޅިގެން ފަބްރީޒިއޯ ވަނީ ރާއްޖެއާ މެދު އޭނާގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. "ރާއްޖެއަކީ ވަރަށް ރީތި ތަނެއް. މިއީ ބިޒީ ޝެޑިއުލްއިން މީހާއަށް ހަމަޖެހުން ލިބޭނެ މަންޒިލެއް،" ފަބްރީޒިއޯ ބުންޏެވެ. އަދި އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގައި ތަޖުރިބާކުރަން އޮތީ ހަމައެކަނި މޫދާއި ގޮނޑުދޮށްތައް ނޫނެވެ.
ފުޓްބޯޅައިގެ ދާއިރާގައި މަޝްހޫރު ނޫސްވެރިޔެއް
ފަބްރީޒިއޯއަކީ ފުޓްބޯޅައިގެ ދާއިރާގައި، ޚާއްސަކޮށް ޓްރާންސްފަރ ބާޒާރުގެ ޚަބަރުތައް ގެނެސްދިނުމުގައި އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެތައް މިލިއަން ބަޔަކު ފޮލޯކުރެއެވެ. އަދި ފުޓްބޯޅައިގެ ޓްރާންސްފަރ ބާޒާރުގެ ޚަބަރުތަކާއި މަޢުލޫމާތު އޭނާ ދުރާލާ ހިއްސާކުރުމުން ވަނީ މަޝްހޫރުވެފައެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޭނާ ހުރީ ކެތްމަދުވެފައި ކަމަށް ފަބްރީޒިއޯ ބުނެފައިވެއެވެ. މި އައްޔަންކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.