މާލޭގައި ސަލާމަތީ ބާރުތަކުން ހޯމަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނާ ގުޅިގެން މިވަގުތު ކަންބޮޑުވާން ޖެހޭކަމެއް ނެތްކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ހާމަކޮށްފިއެވެ.

ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އޮޕަރޭޝަނަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން، ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއީ އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް، އާންމު އުސޫލުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެކި ތަންތަނާއި އުޅަނދުފަހަރު ބަލައި ފާސްކޮށް، ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި އޮޕަރޭޝަން މިހާރުވެސް ދަނީ ކުރިއަށެވެ.

"ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ," ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ލިބޭ ހުރިހާ މަޢުލޫމާތަކަށް އަދި އިންޒާރަކަށް ވަގުތުން ފިޔަވަޅު އަޅާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަން ޚާރިޖިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.