ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމަށް ނުހެދުމަށާއި ފަތުވާ މަޖްލީހުގެ އިޚްތިޞާޞްގެ ތެރެއަށް ނުވަނުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމަށް ޖަމިއްޔަތުއް ޞަލަފްގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިލްތިމާސް ކުރައްވައިފިއެވެ. ޝައިޚް ސަމީރު މި އިލްތިމާސް ކުރެއްވެވީ، ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޮޒައިނާ އާދަމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެެވެ. ރޮޒައިނާ ވިދާޅުވެފައިވަނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންތައްތަކުގައި ފަތުވާ މަޖިލީހުން ފަތުވާ ނުނެރޭ ކަމަށާއި، "ހޫރައްލީނުން"ގެ ވާހަކަ ފަދަ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭތަން ފެންނަ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ޝައިޚް ސަމީރު ވިދާޅުވީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ފަތުވާ މަޖްލީހުގެ އިޚްތިޞާޞްގެ ތެރެއަށް ނުވަނުމަށް ރޮޒައިނާއަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ. ޝައިޚް ސަމީރު އިތުރަށް ވިދާޅުވީ ފަތުވާ މަޖިލީހުގެ ޤާނޫނީ ޒިންމާތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކަށް ދީނީ ކަންކަމުގައި އިސްތިޝާރީ ލަފާ ދިނުމާއި، ދީނީ ގޮތުން ޚިޔާލު ތަފާތުވާ މައްސަލަތަކުގައި ފަތުވާ ދިނުން ހިމެނޭ ކަމަށެވެ. އަދި 2019 ވަނަ އަހަރު އަންހެނުން ފަނޑިޔާރުކަން ކުރުމާ ގުޅޭގޮތުން ދެއްވި ފަތުވާއަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެ މަޖިލީހުގެ ޒިންމާގެ ތެރެއިން ދެއްވާފައިވާ ފަތުވާއެއް ކަމަށްވެސް ވިދާޅުވިއެވެ.

"ވީމާ ޝަރުޢީ ޢިލްމުގެ އަލިފުބާވެސް ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚްތިޞާޞް ތެރެއަށް ވަދެ، އެބޭފުޅުންނަށް ހަޖޫޖަހައި، ފަތުވާ މަޖްލީހުގެ ހައިބަތު ވައްޓާލައި ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުގައި ބަޔާންކުރައްވާފައިވާ ޙޫރަލްޢީންގެ ވާހަކަތައް ދެއްކުމަކީ ބޭކާރުކަމެއް ކަމުގައި ޞިފަކުރުމީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ،" ޝައިޚް ސަމީރު .

ޝައިޚް ސަމީރު ވިދާޅުވީ މިފަދަ ވާހަކަތަކަކީ ދީނީގޮތުން ނުހަނު ޚުޠޫރަތްތެރި ކަންކަމަށް ވުމުގެ އިތުރުން އެއީ ގާނޫނާއި ޚިލާފު ޢަމަލެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ނުދެއްކުމަށް ރޮޒައިނާއަށް ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.