ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން، ރާއްޖޭގެ 110,127 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވި ސިޓީސް މިނިސްޓްރީގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ރޭ އެ މިނިސްޓްރީގެ މާލޭ ޕަބްލިކް ވާރކްސް ޔުނިޓްގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ މާލޭގެ 49,416 ގޭބިސީއަކަށާއި އަތޮޅުތެރޭގެ 60,711 ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މާލޭ ސިޓީގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިޓީސް މިނިސްޓްރީން ކަމަށްވީ ނަމަވެސް، މި މަސައްކަތް ކާމިޔާބު ކުރެވިފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި، ސިފައިންނާއި އަދި ފުލުހުންގެ ޚާއްޞަ އެހީތެރިކަމާއެކު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރަށު ކައުންސިލްތަކުންނެވެ.

ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި މިހާރު ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސް ބަހައި ނިމިފައިކަން ވެސް ފާހަގަކުރެއްވިއެވެ.