ޖާގައިގެ ދަތިކަން ދިމާވެފައިވާ އއ. އުކުޅަހު މަސްޖިދުލް ފުރުޤާނުގެ ގޯތިތެރޭގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، ޚިދުމަތް ޖަމިއްޔާއިން 137,521.20 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކޮންމެ ރަމަޟާން މަހަކުވެސް މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ދިމާވަމުންދާތީ، މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އއ. އުކުޅަހު ކައުންސިލުން މިދިޔަ ޖެނުއަރީ މަހު ޚިދުމަތް ޖަމިއްޔާގެ އެހީތެރިކަމަށް އެދުނެވެ. އެގޮތުން އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފަންޑެއް ހުޅުވައި، ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތަށް ބޭނުންވާ ފައިސާ ހޯދައި ކައުންސިލާ ހަވާލުކޮށްފައިވެއެވެ. ޚިދުމަތް ޖަމިއްޔާއިން މަޢުލޫމާތު ދެއްވިގޮތުގައި، މިވަގުތު ޖަމިއްޔާއިން ދަނީ ރާއްޖޭގެ 6 މިސްކިތެއްގައި ސޯލާ ހަރުކުރުމުގެ ޕްރޮޖެކްޓުގެ އިތުރުން ރާއްޖެއިން ބޭރުގައި މިސްކިތް ބިނާކުރުމުގެ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން ވޭތުވެދިޔަ އަހަރުވެސް ރާއްޖޭގެ އެކި މިސްކިތްތަކުގައި ސޯލާ ހަރުކުރުމާއި ނެވިލޯނު އެޅުމުގެ މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. "މިއަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާއިރު މިއީ ދެމިގެންދާނެ ހެޔޮ ޞަދަޤާތަކަށް ރަނުގެ ފުރުޞަތެއް،" ޚިދުމަތް ޖަމިއްޔާއިން ވިދާޅުވިއެވެ. މިސްކިތްތައް އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް އަދި މިސްކިތްތަކަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކުރުމަށް އެހީތެރިވެދިނުމުގެ ފުރުޞަތު ޚިދުމަތް ޖަމިއްޔާއިން ވަނީ އަބަދުވެސް ހުޅުވާލާފައެވެ.

އެހީތެރިވެދެއްވުމަށް ޚިދުމަތް - 7770000141496 ނޯޓް : މި ފަންޑަށް ލިބޭ ފައިސާ ޚަރަދު ކުރެވިގެންދާނީ މިސްކިތް އިމާރާތް ކުރުމަށާއި މަރާމާތު ކުރުމާއި މިސްކިތުގެ އެކި ބޭނުންތަކަށެވެ. ޚިދުމަތް ޖަމިއްޔާގެ ފަރާތުން މިސްކިތް ފަންޑުން އިދާރީ ހިންގުމަށް އެއްވެސް ޚަރަދެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ..