އދ. ދިގުރަށުން ފީ ނުދައްކާ ފަތުރުވެރިން ބޭރުކުރާ މައްސަލައިގައި އިންކުއަރީއެއް ހަދަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އދ. ދިގުރަށުގެ ބަނދަރު ނޫން އެހެން ސަރަހައްދުތަކަށް ފަތުރުވެރިން ގޮސް މަޑުކުރާ ނަމަ، ފީ ދައްކަން ޖެހޭ ގޮތަށް އެ ރަށު ކައުންސިލުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އަމަލުނުކުރާ ފަތުރުވެރިން އެ ރަށުން ބޭލުމުގައި ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން އުޅުއްވާ ވީޑިއޯތަކެއް އިޖުތިމާއީ މީޑިއާގައި ވަނީ އާއްމުވެފައެވެ.
މި މައްސަލައާ ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި، މިކަމުގައި ވަށައިގެންވާ ހާލަތު ދެނެގަތުމަށް އިންކުއަރީއެއް ހިންގާނެ ކަމަށެވެ.
"އަޅުގަނޑުމެން ރަށްރަށުގެ ރައްޔިތުންނަށް ހިތްވަރު ދެނީ އޮންނަ އުސޫލުގެ ތެރެއިން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި މި މިންގަނޑުތައް ދަމަހައްޓައި، ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށް ކަމާ ބެހޭ ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ކައުންސިލްގެ ރައީސް، ދިގުރަށުގެ ގޮނޑުދޮށަށް ވަޑައިގެން ފަތުރުވެރިންނަށް އެއްވެސް އިހްތިރާމެއް ކުރެއްވުމެއް ނެތި އެމީހުން ރަށުން ބޭރު ކުރަން އުޅުއްވާ މަންޒަރެވެ. އަދި ގޮނޑުދޮށުގައި ތިބި ފަތުރުވެރިންތަކަކާ ވާހަކަ ދައްކަވާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ. ވީޑިއޯގައި ފެންނަ ފަތުރުވެރިންނަކީ ދިގުރަށުގެ ގެސްޓްހައުސްތަކުގައި ތިބޭ ބައެއް ނޫނެވެ. އެއީ އެހެން ރަށަކުން ދިގުރަށަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.