މިއަދު ލ.ފޮނަދޫ މަސްޖިދުލް އުލާގައި އިމާމްވެ ހުކުރު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ފޮނަދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ފޮނަދޫގެ ހަތަރު މިސްކިތުގައިވެސް އިމާމްވެ ހުކުރު ކުރައްވާފައިވަނީ އެރަށަށް ނިސްބަތްވާ ހަތީބުންނެވެ. މީގެ ތެރެއިން މަސްޖިދުލް އުލާގައި ހުތުބާ ކިޔުއްވައި، އިމާމްވެ ހުކުރު ކުރެއްވީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "ނަސްރުގެ މައްސަރު" އެވެ. މިއަދު ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް މި މައުޟޫއަށް ހުތުބާ ކިޔުއްވާފައިވެއެވެ.

ލ.ފޮނަދޫގެ މަސްޖިދުލް ޝަހީދުއަލީގައި އިމާމުވެ ހުކުރު ކުރެއްވީ އިބްރާހީމް އަނީސްއެވެ. މަސްޖިދުލް ބިލާލްގައި އިމާމްވެ ހުކުރު ކުރެއްވީ އިބްރާހީމް ނާޔިފް ކަމަށްވާއިރު މަސްޖިދުލް ވިދާދިފައި އިމާމުވެ ހުކުރުކުރެއްވީ އިބްރާހީމް މުހައްމަދެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުކުރު ދުވަހު މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރާނެ ހަތީބުން ކަނޑައަޅަނީ އެ މިނިސްޓްރީންނެވެ. އަދި މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ހުކުރު ކުރާނެ ހަތީބުން މަދުވެފައިވާތީ، 200 އަށްވުރެ ގިނަ ޒުވާން ހަތީބުން ވަނީ ތަމްރީނު ކުރައްވާފައެވެ.