ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ތާރީޚުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ 2 މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތައި، އައު ޑައިވް ސައިޓެއް ހުޅުވާލައިފިއެވެ. "ކުޑަގިރި ދޫނިއާ ރެކް" ގެ ނަމުން މި ޑައިވް ސައިޓު ތަރައްޤީކޮށްފައި ވަނީ އެމްއެމްޕީއާރްސީ، އެޗްޑީސީ އަދި އެމްޓީސީސީ ގުޅިގެންނެވެ.
މި ޑައިވް ސައިޓު ތަރައްޤީކޮށްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި ސައިޓުގައި ވަނީ އޭރުގެ އެއަރ މޯލްޑިވްސްއިން ބޭނުން ކުރި ޑޯނިއާ 228 މަރުކާގެ 2 އެއަރކްރާފްޓް މޫދަށް ފައްތާފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ސައިޓަށް "ދޫނިއާ ރެކް" މި ނަން ދީފައި ވަނީ ތާރީޚީ ގޮތުން ރާއްޖެއަށް ޚާއްސަ ދެ އުޅަނދު ފައްތައިގެން ތަރައްޤީ ކޮށްފައިވާ ސައިޓަކަށް ވުމާއި، އެ ދެ އެއަރކްރާފްޓަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ފެށުން ކަމަށް ވާތީ، އުދުހުން ދޭހަކޮށްދިނުމަށްޓަކައި ދޫންޏަށް ނިސްބަތްކޮށެވެ.
މި ސައިޓު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން، އެތަނުގައި މުރަކަ އިންދުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޑަގިރި ފަޅުތެރޭގައި ތަރައްޤީ ކޮށްފައިވާ މި ސަރަޙައްދު ބަލަހައްޓާނީ ވެސް އެޗްޑީސީންނެވެ.
މި ސައިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި އުރީދޫ މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިއީ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް، ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.