މިއަހަރުގެ ޕީކް ސީޒަނާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭތީ، ސްޓެލްކޯއިން ހުޅުމާލޭގައި ޤާއިމުކުރި ބެކަޕް އިންޖީނުގެ ނުވަތަ ހުޅުމާލޭ އެނެކްސް 2 އިންޖީނުގެ މިއަދު ވަނީ ހުޅުވައިފިއެވެ. މި އިންޖީނުގެ ތަރައްޤީކޮށްފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވި ގޮތުގައި، މިއަހަރުގެ ރަމަޟާން މަހު ކަރަންޓު ކެޕޭސިޓީ މައްޗަށްދާ މިންވަރު އެހާ ބޮޑަށް އިތުރުވާނެކަމަށް ނުބެލެވެއެވެ. އެއީ ފަހު 10 ދުވަސް ސަރުކާރު ބަންދުވުމާއި، ސްކޫލް ޗުއްޓީއާ ދިމާވުމުގެ ސަބަބުންނެވެ. ނަމަވެސް ރަމަޟާން މަހަށްފަހު އަންނަނީ ހޫނު މޫސުމުގެ ކަރަންޓު ޕީކްވާނެ ދުވަސްވަރު ކަމަށްވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން މި އިންޖީނުގެ ޤާއިމުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ، ބައު އިންޖީނުގެއިން ކާނުތަކެއް އަޅާ، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ގާތްގަނޑަކަށް 9 ދުވަސް،" ފަހުމީ ވިދާޅުވިއެވެ.
މި އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. މިހާތަނަށް 7 ޖަނަރޭޓަރު ސެޓު ވަނީ ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައެވެ. އަދި ބާކީ 5 ޖަނަރޭޓަރު ސެޓު މިރަމަޟާން މަހުގެ ތެރޭގައި ގެނެވި، ރޯދައިގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދިހުޅުމާލޭ އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.