ފްކޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އަށް ހުށަހަޅައިފިއެވެ. މިފްކޯއިން ހުށަހަޅާފައިވަނީ 64.64 މިލިޔަން ޑޮލަރު (996 މިލިޔަން ރުފިޔާ) ގެ ލޯނަކަށެވެ.

މި ލޯނު ހަމަޖެހުމުގެ ކުރިން ކުރެވުނު މަޝްވަރާތަކުގައި ލޯނު ދޫކުރެވޭނެ ކަމުގެ ޔަގީންކަން އައިއެސްޑީބީން ދީފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. މި ލޯނުގެ ދަށުން މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓްރެންތަނިންގ ޕްރޮޖެކްޓްގެ ނަމުގައި 7 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހއ. އިހަވަންދޫ އަދި އައްޑޫ ސިޓީގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި މަސް ބަންދުކުރާ ކާރުޚާނާއެއް ތަރައްގީކުރުމާއި، މިފްކޯގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިފްކޯއިން މިހާރު ވަނީ މި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުސަތު އައިއެސްޑީބީގެ އިންޓަނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގ އުސޫލުގެ ދަށުން ހުޅުވާލާފައެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ގދ. ފިޔޯރީގައި މަސްކާރުޚާނާއެއް ތަރައްގީކުރުމުގެ މަޝްރޫޢު އަންނަ މަހު ފެށުމަށް ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން 100 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ކެޕޭސިޓީއާއި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް، 100 ޓަނުގެ ފިޝްމީލް އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރެވޭނެއެވެ.