އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މި އެއްބަސްވުމުގައި ސޮއިކުރަވާފައިވާއިރު އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ބިރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

މިމާޅޮހުގައި ޒަމާނީ އާ މިސްކިތެއް ބިނާކުރުމަށް އާރްޑީސީއާއެކު ވެވުނު އެއްބަސްވުމާ ބެހޭ ގޮތުން ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، މާޅޮހުގައި މިސްކިތެއް ބިނާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްލާމްދީނުގެ ކަންކަން ރާއްޖޭގައި ކުރިއެރުވުމުގެ ގޮތުން ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދު ކަމަށެވެ.

"މި ގާއިމްވެގެންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގައި ޤުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމަކާއި، އަދި ފޮތް ކިޔަން ތިބެވޭނެ ގޮތަށް ކުޑަ ލައިބްރަރީއެއް ހިމެނޭ ގޮތަށް މި މިސްކިތް ބިނާކުރެވިގެންދާނެ," ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އަމާޒަކީ މި ޤުރުއާން ކްލާސްތަކަކީ ޤައުމީ މަރުކަޒުގެ ދަށުން ހިންގާނެ ތަނެއްގެ ގޮތުގައި މުސްތަޤުބަލުގައި ހަމަޖެއްސުމެވެ. މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ، މިފަދަ އިސްލާމީ މަރުކަޒުތަކާއި ޤުރުއާން ސެންޓަރުތަކާއި މިސްކިތްތަކުގައި ގާއިމުކުރެވޭ ކްލާސްރޫމްތަކުގައި ޤުރުއާން ކިޔަވައިދެވޭނެ ގޮތެއް ނެތްނަމަ، މުސްތަޤުބަލުގައި ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ވެސް ކީރިތި ޤުރުއާން އުނގަންނައިދެވޭނެ ނިޒާމެއް ގާއިމުކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.