ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2025 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2025" އަކީ ނަރުހުންނާއި ފޫޅުމައިންގެ ދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކުގެ ހިދުމަތް ފާހަގަކުރުމަށް ދެމުންގެންދާ ވަރަށްވެސް ހާއްސަ އެވޯޑެކެވެ.

ތައިލޭންޑްގެ ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ދެމުންގެންދާ މި އެވޯޑަށް ދިވެހިންނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާއިރު، ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު، ސިއްޙީ ވުޒާރާގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން އަށް އެޑްރެސްކޮށް ހުށަހަޅަންޖެހޭނެއެވެ. އަދި އެ ޑިވިޜަންގެ އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ ސިއްޙީ ވުޒާރާގެ ކައުންޓަރުންނެވެ. އަދި މި އެވޯޑާ ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓުންނާއި ސިއްޙީ ވުޒާރާއަށް މެއިލް ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.