އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފިއެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާއިރު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ކައުންޓަރުތަކުންވެސް ޒަކާތް ބަލައިގަންނަމުން ދެއެވެ. ފިޠުރު ޒަކާތުގެ މިންވަރު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެއް ކަމަށެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގެ ޞަލާހުއްސީން ހޯލުންނެވެ. ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތައް؛ ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކުގެ ތެރޭގައި
- އާދައިގެ ހަނޑޫ،
- ތައިލެންޑް ހަނޑޫ،
- ބާސްމަތީ ހަނޑޫ،
- ރަތް ހަނޑޫ،
- ގޮދަން ފުށް
- އާޓާ ފުށް
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން ހަވީރު 16:00 އާ ހަމައަށެވެ. ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މި އަޅުކަން ހިޖުރައިން 2 ވަނަ އަހަރު ރަމަޟާންމަހުގެ ރޯދައާއެކު ފަރުޟު ކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.