ސިއްހީ ހިދުމަތް ހޯދުމުގައި މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ތިން ރަށެއްގައި އެމްއާރްއައި އަދި ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އަތޮޅުތެރޭގައި ސީޓީ ސްކޭނާއި އެމްއާރްއައި ފަދަ މުހިންމު ހިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. މިހާރު މާލެއިން ބޭރުން އެމްއާރްއައިގެ ހިދުމަތް ލިބެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންނެވެ. މީގެ ތެރެއިން އުނގޫފާރުގައި މި ހިދުމަތް ފަށާފައިވަނީ މި ސަރުކާރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އަލަށް އެމްއާރްއައިގެ ހިދުމަތް ގާއިމުކުރުމަށް ނިންމާފައިވަނީ ގދ. ތިނަދޫ، ލ. ގަން، އަދި ފުވައްމަލަކު ގައެވެ. "ރާއްޖޭގެ ތިން ރަށެއްގައި އަލަށް އެމްއާރްއައިގެ ހިދުމަތް އެއީ ގދ. ތިނަދޫ، ލ. ގަން އަދި ފުވައްމަލަކުގައި ހިދުމަތް ގާއިމުކުރުމަށްވަނީ ނިންމާފައި. އަދި އެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށްގެންދެވޭ ވާހަކަ ދަންނަވައިލަން،" ވަޒީރު ވިދާޅުވިއެވެ.
ސީޓީ ސްކޭންގެ ހިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މިހާރު މާލޭ ސަރަހައްދުން ބޭރުން މި ހިދުމަތް ލިބެނީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ފުވައްމުލަކު ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކަމަށެވެ. ނަމަވެސް މި އަހަރު ނިމުމުގެ ކުރިން އިތުރު ހަތް ރަށެއްގައި މި ހިދުމަތް ގާއިމުކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
މި އަހަރުގެ ނިޔަލަށް ސީޓީ ސްކޭންގެ ހިދުމަތް އަލަށް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުއްޓާއި، ދ. ކުޑަހުވަދޫ، ޅ. ނައިފަރު، ފ. ނިލަންދޫ، އދ. މަހިބަދޫ، އަދި ލ. ފޮނަދޫ އެވެ. މި މަޝްރޫއުތަކުގެ ސަބަބުން އަތޮޅުތެރޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާވެ، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެގެންދާނެ ކަމަށް ބެލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.