އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުން ކުރުމުގެ ހުއްދަ އިންޑިޔާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިޔާއިން ދީފިއެވެ.
މި ނިންމުން އިއުލާން ކޮށްފައި ވަނީ އިއްޔެ ނެރުނު ސަރކިއުލާ އެއްގައެވެ.
ރިޒާވް ބޭންކް އޮފް އިންޑިޔާއިން ބުނެފައިވާ ގޮތުގައި، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ދޭދޭ ޤައުމުތަކުގެ މާލީ މުއާމަލާތްތަކުގައި އޭސީޔޫ މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިޔާ ރުޕީސް ބޭނުންކުރެވޭނެއެވެ. އޭސީޔޫ މެކޭނިޒަމަކީ ސަރަހައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުއާމަލާތްތައް ހިންގާ ނިޒާމެކެވެ.
މި ނިންމުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދުގެ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއާ ގުޅިގެންނެވެ. އިންޑިޔާގެ މަރުކަޒީ ބޭންކުން ބުނެފައިވަނީ މި ނިންމުމާ އެއްގޮތަށް ވަގުތުން އަމަލުކުރެވެން ފެށޭނެ ކަމަށެވެ.
އިންޑިޔާއަކީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ޤައުމުކަމުން މި ނިންމުމުގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މާލީ މުއާމަލާތްތަކުގައި ޑޮލަރު ބޭނުން ކުރެވޭވަރު މަދުކުރުމަށް އިންޑިޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފާއިތުވި އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު، ރާއްޖޭގައި އިންޑިޔާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތްވެސް ހަދާފައިވާކަން ފާހަގަކުރެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.