ދަނޑުވެރިކަމާއި ތިމާވެއްޓަށް ކުރިމަތިވަމުންދާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ސަރުކާރުގެ އިސް ވުޒާރާތަކުގެ މެދުގައި މުހިންމު ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއާއި، ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އީޕީއޭގެ މަންދޫބުންނާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އަދި ޕަބްލިކް ވޯކްސްގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ ކާޅާއި، ވާ، ރުއްގަހުގެ ބަލިތައް، ދަނޑުބިން ލިބުމުގެ މައްސަލަތައް އަދި ސޫފާސޫފި އަދި ޖަނަވާރު އެތެރެކުރުމުގެ މައްސަލަތަކަށެވެ.

ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، "ވާ އަދި ބުޅަލަކީ ތިމާވެށީގެ މުހިންމު ބައެއް ކަމަށާއި އެ ތަކެތީގެ ވެށި ވަރަށް މުހިންމު" ކަމަށެވެ. އަދި މި ދިރޭތަކެތިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއެކު، އެ ތަކެއްޗާއެކު ދިރިއުޅެވޭނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.

ތަރައްގީގެ މަޝްރޫޢުތަކުގެ ސަބަބުން ދަނޑުތަކާއި ރާއްޖޭގެ އަސްލު ރުއްގަސް ނެތިގެން ދިއުމުގެ މައްސަލައާއި، ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށްފާނެ ބޭރުގެ ބާވަތްތައް ތަޢާރަފުކުރެވެމުންދިއުމުން ތިމާވެއްޓަށާއި ސަގާފީ ތަރިކައަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.