މާފަންނު ސަހަރާގައި ހުރި ގަބުރުތަކެއް ނަގައި އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދުމުން އުފެދުނު މައްސަލަ ބޮޑުވެ، ގިނަ ފަރާތްތަކުން ފާޑުކިޔަން ފެށުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެ ތަން ނަގައިފިއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި މާފަންނު ސަހަރާ ހުސްކޮށް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން، މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނެގުމަށްފަހު އެތަނުގައި ބައިބަލާ ޕްރެކްޓިސް ކުރާ ތަނެއް މާލެ ސިޓީ ކައުންސިލުން ހަދަމުންދަނިކޮށް، އެކަނޑ އާންމުންގެ ސަމާލުކަމަށް އައިސް އެކަމަށް އާންމުން ވަނީ ފާޑުކިޔާފައެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރ އާޒިމް އޮންލައިންނޫހަކަށް ވިދާޅުވިީ މާފަންނު ސަހަރާއިން ނެގި ގަބުރުތައް ރައްކާތެރިކަމާއެކު އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން އާ ސަހަރާގައި ވަޅުލާފައިވާ ކަމަށާއި މާފަންނު ސަހަރާގައި ހަދަމުންދިޔައީ ފިތުރު އީދަށް ތައްޔާރުވުމުގެ ގޮތުން ބައިބަލާ ޕްރެކްޓިސްކުރާ ތަނެއް ކަމަށެވެ.

ނަމަވެސް މި މަސައްކަތާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތާރީޚީ ކަންތައްތައް ދިރާސާކުރާ ފަރާތެއް ކަމަށްވާ ނާޖިހު ދީދީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާފަންނު ސަހަރާގައި ހުރި ގާރި ގާތްތިމާގެ މީހުންގެ ގަބުރުތައް އެއްވެސް ކަހަލަ ޤަދަރެއް އިޙްތިރާމެއް ނެތި ނަގާ އެއްލާލާފައި އެތަނުގައި މާލެ ސިޓީ ކައުންސިލުން ބައިބަލާ ކުޅޭ މައިދާނެއް ހަދަމުންދާ ކަމަށެވެ.

އާންމުންގެ ކަންބޮޑުވުމާ ގުޅިގެން މިހާރު މާލެ ސިޓީ ކައުންސިލުން ވަނީ ބައިބަލާ ޕްރެކްޓިސްކުރުމަށް ޖަހާފައި ހުރި ވެލި ބަސްތާތައް ނަގާފައެވެ. މާފަންނު ސަހަރާގެ 36،153 އަކަފޫޓު ގަބުރުތައް ނަގައި މާލެ ސިޓީ ކައުންސިލުން ސާފުކޮށްފައިވާއިރު، މި މަސައްކަތުގެ ތެރެއިން 36،153 އަކަފޫޓުގެ ސަރަހައްދުގައިވާ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ފުރޭނުމުގެ އިތުރުން އެ ވެލި ހުޅުމާލެ ސަހަރާއަށް ގެންދާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.