މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރުވުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން 'ބެކް ޓު ސްކޫލް' ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ބީއެމްއެލްއިން މިއަދު ހާމަކުރި ގޮތުގައި މި އެހީގެ ސަބަބުން 100 ދަރިވަރަކަށް ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. އިޖުތިމާއީ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.
މީގެ ކުރިންވެސް މަމްސް އެއިޑުން ހިންގާފައިވާ އެކި ހަރަކާތްތަކަށް ބީއެމްއެލްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
"މި ރޯދަމަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުން ވަނީ އަމިއްލަ ގޮތުން އެހީތެރިވެދީފައި،" ބޭންކުން މައުލޫމާތު ދިނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ބީއެމްއެލް އިސްލާމިކަށް 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މުޖުތަމަޢުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ގިނަ ހަރަކާތްތަކެއް މިހާރު ހިންގަމުންދާ ކަމެވެ. މި ހަރަކާތްތަކުގެ ތެރެއިން 'ބެކް ޓު ސްކޫލް' ކެމްޕޭނަކީ ވެސް އެއް ހަރަކާތެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.