އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ނިރުބަވެރި ހަމަލާތައް ކުށްވެރިކޮށް، އިސްރާއީލާމެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް ތުއްތު ކުދިން ހިމެނޭހެން 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ. މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ ޓެންޓްތަކުގައި ވެސް އަލިފާން ރޯކޮށްލާފައިވާކަން ފާހަގަކޮށްފައިވެއެވެ.
"މާތްވެގެންވާ ރަމަޟާން މަހުގައި ދިން މި ހަމަލާއަކީ ސުލްހައިގެ އެއްބަސްވުމާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އިންސާނީ ޤާނޫނުތަކާ މުޅިން ހިލާފު ކަމެކެވެ،" މިހެން ބަޔާނުގައި ބުނެފައިވެއެވެ.
އިސްރާއީލްގެ މި އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަގުތުން ވަގުތަށް އަވަސް ފިޔަވަޅުތަކެއް އަޅައި، އިސްރާއީލް ޒިންމާދާރު ކުރުވުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އޭގެ ވެރިރަށް ކަމުގައި ބަލައިގެން، މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ފަލަސްތީނު ރައްޔިތުންނަށް ލިބިދޭ ހައްޤުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.