- ސުވާލު
ނަމާދަށް އައުރަ ނިވާކޮށްގެން ދިއުމަށްފަހު، ނަމާދު ނިމިގެން އައުރަ ކަޝްފުކޮށްގެން ދިއުމަކީ ކޮންކަހަލަ ކަމެއް؟
- ޖަވާބު
"މިސްކިތަށް މިދަނީ އަޅުކަމެއް ކުރުމަށްޓަކައި، ގޮސް މިއަންނަނީ އެތައް ބައިވަރު ފާފަތަކަކާއެކުއޭ ބުނާކަހަލަ ގޮތަކަށް ފެނިގެން މިދަނީ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުންމަތަށްވަނީ އެފަދަ މިސާލެއް ޖައްސަވާފަ. ތިމަންކަލޭގެފާނުގެ އުއްމަތުގައި މުފްލިސުންނަކީ(ބަނގުރޫޓްވެފައިވާ މީހުންނަކީ) ކޮބައިކަން ތިބޭކަލުންނަށް އެނގިލައްވާހޭ! އަސްޙާބު ބޭކަލުން ވިދާޅުވަނީ ބަނގުރޫޓްވެފައިވާ މީހަކީ ފައިސާއެއްނެތްމީހާއޭ. އެހެންނޫނީ ދަރަނިވެފައިވާ މީހާއޭ. ޙަދީޘް ކުރައްވަނީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުގެ ތެރެއިން ބަނގުރޫޓްވެފައިވާ މީހަކީ އެތަށް ބައިވަރު ރޭ އަޅުކަމަކާ، ރޯދައާއި، ނަމާދުގެ ޘަވާބު ހިފައިގެން ޤިޔާމަތްދުވަހު އަންނަ މީހާއެވެ. ނަމަވެސް އެހެން މީހަކަށް އޭނާކޮށްފައިހުރި އަނިޔާ، އެހެންމީހަކަށް އޭނާ ޣީބަބުނެފައި، އެހެންމީހެއްގެ ދަރަނިއަދާނުކޮށް، އެހެންމީހެއްގެ ހަޑި ހުތުރުބަހުން ވާހަކަ ދައްކާފަހުރީމަ އެހެންގޮސް، މީސްތަކުންނަށް ކޮށްފައިވާ އަނިޔާތަކާއި ފާފަތަކަށް އޭނާގެ ހެޔޮ ދަރުމައާއި ޘަވާބުން ކެނޑިގެންގޮސް، އޭނާގެ އެ ބައިވަރު ދަރުމައާއި ޘަވާބު ހުސްވެގެން ގޮސް، އެހެންމީހުންނަށް ގެއްލުންތަށް ދީފައި އަނިޔާތަށް ކޮށްފައި، ވިޔާނުދާ ވާހަކަތަށް ދައްކާ، ޣީބަބުނެފައި، ފުރައްސާރަކުރުން ފަދަ ކަންތައްތަކަށް ހުސްނުވީމާ ދެން އެހެންމީހުންގެ ފާފައިން އެމީހާއަށް ދެވެމުން ދެވެމުންގޮސް އޭނާގެ އަމިއްލަ ފާފައިގެ ބަދަލުގައި އެހެން މީހުންގެ ފާފަ ބޮލުގައި އަޅައިގެން ނަރަކައަށްދާ މީހާއަކީ ބަނގުރޫޓްވެފައިވާ މީހާއެވެ. ހަމައެގޮތަށް މީގައި އަޅުގަނޑަށް ސިފަވެގެންދަނީ މިސްކިތަށް މިދަނީ ދަރުމައާއި ޘަވާބަށް އެދިގެން. މިސްކިތަށްމިދަނީ ނަމާދުގެ މަތިވެރިކަން ހޯދުމަށްޓަކައި. މިސްކިތަށް މިދަނީ ﷲ ސުބްހާނަޙޫ ވަތައާލާގެ ރުއްސެވުން ހޯދުމަށްޓަކައި. ދާ މަގުމަތީގައި މިދަނީ ﷲ ނުރުއްސަވާފަދަ ގޮތަކަށް. ގޮއްސަ ޢަމަލު މިކުރަނީ ﷲ ސުބްހާނަޙޫ ވަތައާލާ ނަޙީކުރައްވާފައިވާ ގޮތެއްގައި. [މިސްކިތަށް] ވަދެގެންމިދަނީވެސް އެފަދަ ގޮތެއްގައި. ނަމާދު ނިމިގެން މިއަންނަނީވެސް އެފަދަގޮތަކަށް އަމަލުތަށް ބަހަށްޓަައިގެން. އެހެންވެއްޖެނަމަ ކޮބައިތޯ ނަމާދަށް ދިއުމުގެ މަޤްޞަދަކީ. ކޮބައިތޯ މިބުރަ އުފުއްލުމުގެ މަޤްޞަދަކީ. މިސްކިތުގެ ތެރެއިން ނުކުމެގެން ދާންޖެހުނަސް، މަޑުކޮށްނުލާ ހުރިހާ އެންމެންގެ ތެރެއިން މަގުފަޅަމުން ނުކުމެގެން ދިއުމާއި، އަދި އެ ދާ މަގުމަތީގައި ބުރުގާ ނުވަތަ ދޮޅި ނަގަމުން ދިއުމާ އައުރަ ކަޝްފު ކުރުމާއި މިކަންތައްތައް ފެނިގެންމިދަނީ. ހަގީގަތުގައި އަންހެނާ މިސްކިތަށްދިއުން މަނާ ނުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި އެކަމަކުވެސް، އެކަނބުލޭގެ ނަމާދު ގޭގައި ކުރުން މާއައުލާކަން ބޮޑުވެގެންވެއޭ ހަދީޘް ކުރައްވަނީ މިފަދަ ސަބަބުތަކަކަށްޓަކައި. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އަޞްހާބު ބޭކަނބަލުން މަސްޖިދުއް ނަބަވީގައި ނަމާދުކުރުމަށްފަހުގައި މިސްކިތުގެ ޖަމާއަތުން ވަކިވެގެން ގެއަށް ވަޑައިގަންނަވާހިނދު، ދޮރުމަތިން އަންހެނުންނާއި ފިރިހެނުން މަސްހުނިވެ މަގުގެ މެދުން އަންހެންކަނބަލުން ހިންގަވާތަން ފެނިވަޑައިގެން ޙަދީޘް ކުރައްވަނީ އޭ އަންހެން ބޭކަނބަލުންނޭވެ! ތިޔަކަނބަލުން ނަށް މަގުގެ މެދުން ހިނގުމެއް ނުވެއެވެ. ތިޔަކަނަބަލުން މަގުގެ އެއްކައިރިން ހިނގާށެވެ. އެހިނދު އަޞްހާބު ބޭކަނބަލުން މަގުގެ އެއްކައިރިން ހިންގެވުމަށް ގަދައަޅާ މަސައްކަތްކުރެއްވުމުގެ ސަބަބުން (އެޒަމާނަކީ ފާރުތަށް ކިސަޑުން ހައްދަވާފައިހުންނަ ޒަމާނަށްވީމަ) ފާރުން ނުކުމެފަ ހުންނަ އޮފިކޮޅުގަ، ގަސްކޮޅުގަ ހެދުންކޮޅު އެޅޭކަމުގައި ރިވާވެގެން އާދޭ. އެފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރިވުމަށް މަސައްކަތް ކުރެއްވި. އަޅުގަނޑުމެންގެ ތެރެއިން މިސްކިތަށް ވަޑައިގަންނަވާ ބޭކަނބަލުން މިސްކިތަށް ދިއުމާއި އައުމުގާ ބަހަށްޓަންޖެހޭ ޝަރުއީ މިންގަނޑުތަކަށް ތަބާވާންޖެހޭ. ފިރިހެނުންނާއި މަސްހުނި ނުވުމާއި، ފިރިހެނުންނާއި ގައިގޯޅިނުވުމާއި، ފިރިހެނުންގެ ތެރޭގައި (އާންމު ދިރިއުޅުމުގައި ބުރުގާ ނާޅުއްވާ ބޭކަނބަލަކުވެސް) މިސްކިތުގެ ހުރުމަތް ކަނޑާނުލެއްވުމަށް ގަދައަޅާމަސައްކަތް ކުރައްވާ ގެއާއި ހަމައަށް ވަޑައިގެން ބުރުގާ ނަންގަވާށޭ އަޅުގަނޑު ދަންނަވާނީ. އަދި އެއަށްވުރެ ރަނގަޅީ މިރޯދަމަހާއި އެކު ބުރުގާ ނުނަންގަވާ މަހަކަށް ހެއްދެވުން. އޭރުން މިދަރުމައާއި ޘަވާބު އެމީހަކަށް ހާސިލްވެގެންދާނީ." ޖަވާބު: އައްޝައިޚް ޙަސަން މޫސާ ފިކުރީ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.