ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގައި ލިޔެކިޔުންތަކުގެ މަޢުލޫމާތު ވީހާވެސް ތަފްޞީލުކޮށް ހިމެނުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސްކކޮށްފިއެވެ.

މިދިޔަ ސަރުކާރުން ނެރުނު ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓުގެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެން، މި ސަރުކާރުން ލިސްޓު މުރާޖަޢާކުރުމަށްފަހު ފާއިތުވި މަހުގެ 27 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވި ގޮތުގައި، "ހުށައަޅާ މަޢުލޫމާތަކީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ވެރިފައިކުރެވޭނެ އެއްޗަކަށް ވާންޖެހޭ" ކަމަށާއި، ޝަކުވާ ހުށައެޅުމަށް މިހާރު 5000 ލަފްޒާ ހަމައަށް ޖާގަ ދީފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 1820 މީހުންނަށް ފްލެޓު ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓު ލިބުނު 1423 މީހުންނާއި، 2 ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓު ލިބުނު 397 މީހުންނެވެ.

ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހުގެ ފަހު 10 ދުވަހާއި ޢީދު ބަންދުގައި ސަރުކާރު ބަންދުވުމުން ރައްޔިތުންނަށް ލިބިދާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.