މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން އޮލިމްޕަހުން ފެށިގެން ހުޅަނގަށް، ރަސްފަންނާ ހަމައަށް މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް ސާފުކޮށް ނިންމާލާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން މި މަސައްކަތް ފެށީ މި މަހުގެ 8 ވަނަ ދުވަހު ލަގްޒަރީ ކުރިމަތިންނެވެ. ރަމަޟާން މަހު މި މަސައްކަތް ކުރިއަށްދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިނދުމެވެ. ކުނިބުނީގެ ސަބަބުން ގިނަ މަގުތަކުގެ ކާނުތައް ފުރިބާރުވެފައިވާތަން ކާނުތައް ސާފުކުރަމުން އަންނައިރު ދަނީ ފެންނަމުންނެވެ.

ވުޒާރާއިން ކުރިން ދެއްވާފައިވާ މަޢުލޫމާތުގައި، "ކާނުތައް ސާފުކުރުމުގެ މަސައްކަތް ނިމޭއިރު ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ" ކަމަށާއި، މި މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢެއް ފެށުމަށް ނިންމަވާފައެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ޗައިނާގެ ކުންފުންޏަކުންނެވެ.